ހދ. މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނިގޮނޑު) ގައި އުޅޭ ބިދޭސީންގެ ފަރާތުން ބަދުއަޚްލާޤީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެފަރާތްތަކުން އެ ސަރަހައްދު ހުސްކޮށް 24 ގަޑިއިރުގެ ތެރޭ ރަށުން ފޭބުމަށް މަކުނުދޫ ކައުންސިލުން އަންގައިފިއެވެ.

މަކުނުދޫ ކައުންސިލުން ވަނީ މިގޮތައް ނިންމާ އާންމު އެންގުމެއް ރޭގެ ވަގުތެއްގައި ނެރެފަ އެވެ.

Ad
rt

އެރަށުން ވާހަކަ ދެއްކި މީހަކު “ތިލަދުން“ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ބިދޭސީންނަކީ ރިސޯޓް މަސައްކަތަށް އައިސް އުޅުނު މީހުންނެވެ. ރިސޯޓް ހުޅުވުނު ދުވަސް ޖެހުމުން، މަސައްކަތްތައް ނުނިމިގެން ކައުންސިލްގެ ހުއްދައާއެކު މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އެ މީހުން ބައިތިއްބާފައިވަނީއެވެ. މިއީ 200 އަށްވުރެ ގިނަ މީހުންނެވެ.

މި ބިދޭސީންނާ ހަވާލުވެ އުޅޭ ދިވެހިންނަށް މި މީހުން ކޮންޓްރޯލް ނުކުރެވޭ ކަމަށް އެ މީހާ ބުނެފައިވެއެވެ. އެހާ ގިނަ މީހުން ރަށަށް އެރުވުމާ ގުޅިގެން ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށާއި ނޭދެވޭ ކަންތައްތަކެއް ވާނެ ކަމަށް އެތައް ބަޔަކު އަޑު އުފުލާފައިވެއެވެ.

މި ބިދޭސީން ތިބޭ ތަނުގެ ކަރަންޓް ބިލް 200,000 ރުފިޔާއަށް އަރާފައިވާތީ، އެކަމާ ގުޅިގެން ރައްޔިތުން ކައުންސިލަށް ޝަކުވާ ހުށަހަޅާތާ 3 ދުވަސް ވެފައިވެއެވެ.

“ އިއްޔެ އަނެއްކާ މި ބިދޭސީންގެ ތެރެއިން މީހެއްގެ ފަރާތުން ރައްޔިތު މީހަކަށް ބަދުއަޚްލާޤީ ފުރައްސާރައެއް ކޮށްފައިވާ ކަމަށް ބުނޭ”

ެއެރަށުން ވާޖަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

މިކަމާ ކަންބޮޑުވެގެން ރޭގައި ރައްޔިތުން ކައުންސިލަށް ގޮސް ވަގުތުން މި ބިދޭސީން ރަށުން ބޭލުމަށް އެދުނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލުން މި ބިދޭސީންގެ ބެލެނިވެރިފަރާތަށް އަންގާފައި ވަނީ 24 ގަޑިއިރުގެ ތެރޭ އެތަން ހުސްކޮށް ރަށުން ފޭބުމަށެވެ. އަދި 24 ގަޑިއިރުގެ ތެރޭ ނުފޭބިއްޖެނަމަ ކަމާބެހޭ ފަރާތްތަކާ މެދުވެރިކޮށް ރަށުން ބޭލުމުގެ މަސައްކަތް ކުރާނެކަމަށާއި އެފަދަ ކަމެއްގެ ސަބަބުން ކުރިމަތިވެދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެކަމަށް އަންގާފައި ވެއެވެ.

މަކުނުދޫގެ ބައެއް އަންހެން ވެރިންނަށް މަގުމަތިން ދިމާވެގެން ފުރައްސާރަކޮށް ގަޔަށް އަތްލާފައި ވާކަމަށައި އެ ބިދޭސީންގެ ފަރާތުން މިފަދަ މައްސަލަތަކެއް ކުރިންވެސަ ދިމާވެފައިވާކަމަށް ވެއެވެ.