އެޕަލްއިން ތަޢާރަފްކުރާ އައިއޯއެސް 18.1 އާއިއެކު އައިފޯނުގެ އެން.އެފް.ސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ހުޅުވިގެންދާނެކަމަށް އެޕަލްއިން ބުނެފިއެވެ.

އެޕަލްއިން ދާދިފަހުން އިޢުލާނުކުރި ގޮތުގައި އައިފޯނުގެ އެން.އެފް.ސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ތަޢާރަފުވުމުން، އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، ޖަޕާން، ނިއުޒިލޭންޑް، ޔޫކޭ އަދި އެމެރިކާގައި މި ފީޗަރ ބޭނުންކުރެވޭނެއެވެ. އަދި އިތުރު ގައުމުތަކަށްވެސް ފަހުން ތަޢާރަފުކުރާނެކަމަށް އެޕަލްއިން ބުނެފައިވެއެވެ.

Ad
rt

މި ބަދަލާއެކު، އެހެން އެޕްތަކަށްވެސް އައިފޯނުގެ އެން.އެފް.ސީ އަދި ސެކިއުރ އެލެމެންޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންޓެކްޓްލެސް ޕޭމަންޓްތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިހާތަނަށް މި ފުރުސަތު އޮތީ ހަމައެކަނި އެޕަލް ޕޭއަށެވެ.

އައިފޯނުގެ ސައިޑް ބަޓަން ދެފަހަރަށް ފިތާލުމުން ޑިފޯލްޓްކޮށް ހުޅުވޭ އެޕް ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން އެޕަލް ވޮލެޓްގެ ބަދަލުގައި އެހެން އެޕްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ކާރު ލޮކް، ކޯޕަރޭޓް ބެޖް، ދަރިވަރުންގެ އައިޑީ، ހައުސް ލޮކް، ހޮޓެލް ލޮކް، ރިވޯޑްސް ކާޑު އަދި އިވެންޓް ޓިކެޓް ހިމެނެއެވެ. އަދި ސަރުކާރުގެ އައިޑީތައްވެސް ކުރިއަށް އޮތްތަނުގައި މިގޮތަށް ބޭނުންކުރެވޭނެކަމަށް އެޕަލްއިން ބުނެފައިވެއެވެ.