ތެޔޮބިލުތައް ދެއްކުމަށް އެވްރެޖްކޮށް ހަފްތާއަކު 100 މިލިއަން ރުފިޔާ ބޭނުންވާކަމަށާއި އެ ފައިސާ ދައްކަނީ ރިޒާވުގައި ހުންނަ ޑޮލަރުން ކަމުގައި ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ފިނޭންސް މިނިސްޓްރީން އަޅަން ނިންމާފައިވާ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ކުރަން ޖެހޭ ހޭދަތަކުގެ ތެރެއިން ދަރަންޏަށް ކުރާ ހޭދައަށް ފަހު އެންމެ ބޮޑު ހަރަދެއް ކުރަން ޖެހޭ އެކައްޗަކީ ތެޔޮ ކަމަށެވެ.

ފިއުލް ބިލު ދައްކަން ޖެހެނީ ރިޒާވް ބޭނުންކޮށްގެން، ޑޮލަރުން ކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ބޭރު ފައިސާ ލިބޭނެ ގޮތްތައް މިހާރުން މިހާރަށް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ސިއްހީ ފަރުވާގެ ގޮތުގައި ރާއްޖޭން ބޭރުން ހޯދާ ހިދުމަތްތަކަށް ވެސް ގިނަ އަދަދެއްގެ ބޭރު ފައިސާ ދައްކަން ޖެހޭކަމަށާއި ކުރިއަށް އޮތް ތަނުގައި ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރެވި، ގޮތް ނިންމާނީ މުޖުތަމައަށް އެންމެ ފައިދާހުރި ގޮތަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.