ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހާއަކީ "އިސްކުރު މަދު މީހެއް" ކަމަށް ބުނެ އޭނާގެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ގދ. ތިނަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބުނު މީހާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށް އެރަށު ކޯޓުން ނިންމީ އޭނާއާ ބެހޭގޮތުން ޑޮކްޓަރުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އެއީ "އިސްކުރު މަދު މީހެއް" ކަމަށް ބުނެ އެވެ.

Ad
rt

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މުޖްތަމައުގައި ހުންނަ ސުވާލު އުފެދޭ ބަސްތައް ކޯޓުތަކުގެ ނިންމުންތަކުގައި ބަޔާން ކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވެސް ކަރާމާތަށް އިހުތިރާ ކުރުމުގެ މަގްސަދު ހާސިލް ކުރުމުގެ ބޭނުމުގައި ހާއްސަ ގާނޫނު ހެދިފައިވާއިރު، މުޖްތަމައުގައި ބޭނުންކުރެވޭ ސުވާލު އުފެދޭ މި ބާވަތުގެ ބަސްތައް، އެ އަށް ބުރަދަން ދޭ އެއްވެސް އަސާސެއް ނެތި ގަޟައީ ނިންމުމެއްގައި މިފަދައިން މުހާތަބު ކުރުމަކީ އެދެވޭ ގޮތެއް ކަމުގައި ނުދެކެމެވެ،" އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ މީހާގެ ނަފްސާނީ ހާލަތާ ބެހޭގޮތުން ރިޕޯޓް ތައްޔާރުކުރީ އެ ބާވަތުގެ ތަހުލީލުތައް ހެދުމަށް ގާނޫނީ ގޮތުން ހުއްދަ އޮތް ފަރާތެއްކަން ދަށު ކޯޓުން ބަލާފައިނުވާ ކަމަށެވެ.

ހައި ކޯޓުން އެންގީ އެ މައްސަލަ ދައުލަތުން އަލުން ކޯޓަށް ހުށަހެޅުމުން އެ މީހާގެ މެޑިކަލް އެގްޒެމިނޭޝަނާ ބެހޭގޮތުން ދަށު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ