ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
އެމައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.
ޝަމީމް ވަކިކޮށްދޭން އެދި މެންބަރު ޝާހިދު ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވި ސިޓީއާއި ގުޅިގެން އެ މައްސަލަ ބަލަން އެކޮމެޓީން ނިންމައި، އެކަން ތަޅުމުގައި ޢިއުލާންކޮށްދެއްވުމަށް އެދި އެ ކޮމެޓީން ފޮނުވި ސިޓީ މިއަދުގެ ޖަލްސާގެ ތަޅުމުގައި ވަނީ އިއްވާފައެވެ.
އެއަށްފަހު މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީކޮމެޓީއަށް ފޮނުވާކަމަށް މަޖިލީހުގެ ރިޔާސަތުން، ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވަނީ ޢިއުލާން ކުރަށްވާފައެވެ.
ޝަމީމް ވަކިކުރަން މެންބަރު ޝާހިދު ހުށަހެޅުއްވި ސިޓީގައި މައިގަނޑު އަށް ނުކުތާއެއްގެ ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ، ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުމާއި، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމާއި، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުމެވެ.
މީގެ އިތުރުން ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުމާއި، ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން ހިމެނެއެވެ.
ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 8 ޑިސެމްބަރު 2019 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!