ބޯކޮށް ވާރޭ ވެހި ވައިގަދަ ވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މިސަމާލު ނެރެފައިވަނީ ހއ. އިން ފެށިގެން ގދ. އަތޮޅަށެވެ.
މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުމާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ.
މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 9:00 އާ ހަމައަށެވެ. މިއީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެކެވެ. އިއްޔެއިން ފެށިގެންރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައި ވަރަށް ގަދަވެފައިވާއިރު، ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންދާކަން ފާހަގަކުރެވެއެވެ.
މިމަހުގެ 9 ވަނަ ދުވަހު މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވަޔާއި ކަނޑުތައް ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި އިއްޔެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!