އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ނިރުބަވެރި ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އިސްރާއީލުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބީޓްސެލެމްއިން ގޮވާލައިފިއެވެ.
ބީޓްސެލެމްއިން ބުނެފައިވަނީ ހަނގުރާމަ ކުށްވެރިކުރުމާއި މީޑިއާތަކުން ނެރޭ ސްޓޭޓްމަންޓްތަކާއި ރިޕޯޓުތަކުން ނުފުދޭ ކަމަށެވެ. އަދި ޣައްޒާގައި އާންމުން ގިނަ އަދަދަކަށް މަރުވަމުންދާ މަރުތައް ހުއްޓުވައި، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަން ޖެހޭ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިއަދާ ހަމައަށް 40،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޝަހީދުވެފައެވެ.
މި ހަނގުރާމައަށް 310 ދުވަސް ވެގެން ގޮސްފައިވާއިރު، ގިނަ ޤައުމުތަކުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ގޮވާލާފައެވެ. ނަމަވެސް، އަދިވެސް ހަނގުރާމަ ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ.
އިސްރާއީލަށް އެންމެ ބޮޑަށް މަދަދާއި އެހީދޭ އެމެރިކާއިން ބުނަނީ އެމެރިކާ އިސްވެ އޮވެ އިސްރާއީލަށް އަންނަ ކޮންމެ ހަމަލާއަކުން އެގައުމު ސަލާމަތްކޮށްދޭނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!