ފަޅުންނާއި ކަނޑުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގެ އެޖެންޑާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރާއި ސުވާލުކުރުން ވަނީ ހިމަނާފައެވެ.

Ad
rt

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ވަޒީރާ ކުރައްވާ މި ސުވާލަށް ޖަވާބުދެއްވަން ވަޒީރު ވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެންފައެވެ. މެންބަރު އަހްމަދު އިބްރާހީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މެންބަރު ތިން ސުވާލެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ދެވަނަ ސުވާލު: ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ދީފައިވާ ގޯތިތައް އޭގެ ވެރިވަފަރާތްތަކާއި ހަވާލުކުރެވޭނީ ކިހާހިސާބެއްގައިތޯ؟

މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ދެވަނަ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރުގައި ދީފައި ހުރީ ގޯތިތަކެއްކަމަށް ނުބުނެވޭނެކަމަށެވެ. އަދި ގޯތިތަކަކަށް ބަދަލުކުރަން ޖެހިފައި ވަނީ މި ސަރުކާރުން އައިސް ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑު، ގޯތިތަކޭ ވިދާޅުވީމަ ގޯތަކެއް ނޫންދެއްތޯ ދީފައި ހުރީކީއެއް، އަޅުގަނޑު ހިތުން ގޯތިތަކަކަށް ބަދަލުކުރަން މިޖެހެނީ މި ސަރުކާރުން އައިސް، ކަނޑުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ، ފަޅުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ، އެހެންވީމަ މި ސަރުކާރުން އައިސް ގޯތިތަކަކަށް މި ބަދަލު ކުރަނީ އަޅުގަނޑުމެން'' ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވުމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި ''މިއީ ޕީއެންސީގެ ހަރުގެއެއް ނޫންކަމަށް'' ވިދާޅުވެފައެވެ.

އެ ނިޒާމީ ނުކުތާއަށްފަހު ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ''ގޯތިތައް''، ގޯތިތަކަކަށް ބަދަލުކޮށް އެ ތަންތަނުގައި ދިރިއުޅެވޭނެގޮތް ހެދުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަކަމަށެވެ.

މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ފުރަތަމަ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހައިދަރު ވަނީ ރައީސް ޞާލިޙްގެ ވެރިކަމުގައި ގުޅިފަޅުން ކަނޑައަޅާފައި ހުރި ބިންތައް ލިބުނު މީހުންނަށް ދޫކުރެވޭނެ ތާރީހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށްވިދާޅުވެ، އެހެން ދަންނަވަންޖެހުނު ގިނަ ސަބަބުތަކެއް ވެސް ވިދާޅުވެދެއްވާފައެވެ. އަދި ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް، ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.