އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ޝީލްޑް މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީގައި ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ދެހާފް ނުކުޅެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީން ކުރި ހޯދީ 7-6 ގެ ނަތީޖާއިންނެވެ.

Ad
rt

މިއީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ސިޓީ ޝީލްޑް މެޗަށް ޖެހިޖެހިގެން ނުކުތް ހަތަރުވަނަ ފަހަރެވެ. ފާއިތުވި ތިން ސީޒަންގައި ކުޅުނު ޝީލްޑް މެޗުތަކުން ސިޓީއަށް މޮޅެއް ނުހޯދެއެވެ. މިދިޔަ އަހަރު ކުޅުނު ޝީލްޑް މެޗުން ސިޓީ ބަލިވީ އާސެނަލް އަތުންނެވެ. އޭގެ ކުރިން ދިޔަ ދެ ސީޒަންގައި ޝީލްޑް މެޗުން ސިޓީ ބަލިވީ ލިވަޕޫލާއި ލެސްޓާ ސިޓީ އަތުންނެވެ.

ޝީލްޑް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. އެ ޓީމުން 21 ފަހަރު ޝީލްޑް ކާމިޔާބު ކޮށްފައިވާއިރު، މިއީ ސިޓީން ޝީލްޑް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ.

ރޭ މެޗަށް ސިޓީން ނެރުނު ފުރަތަމަ އެގާރާގައި ގިނަ ޒުވާން ކުޅުންތެރިން ވަނީ ހިމަނާފައެވެ. ސަބަބަކީ އެ ޓީމްގެ ބައެއް މުހިންމު ކުޅުންތެރިން ޗުއްޓީއަށް ފަހު އަދި ޓީމާއި ގުޅިފައި ނުވުމެވެ.

ރޭ މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ޔުނައިޓެޑުން މެޗުގައި މޮޅަށްކުޅެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެ ޓީމަށް ލަނޑެއް ޖެހޭވަރުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވީ ފަހުންނެވެ. މި ލަނޑު ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ގަނާޗޯއެވެ. ސިޓީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު މިނެޓުގައި ބާނާޑޯ ސިލްވާ ޖަހައިދިން ލަނޑުންނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި، ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ސިޓީގެ ބާނާޑޯ ސިލްވާއާއި ޔުނައިޓެޑްގެ ސަންޗޯ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. ދެން ޔުނައިޓެޑްގެ ޕެނަލްޓީ މިސްކޮށްލީ ޑިފެންޑަރ ޖޯނީ އިވެންސްއެވެ. ސިޓީ މޮޅުވި ޕެނަލްޓީ ޖަހައިދިނީ ޑިފެންޑަރ އަކާންޖީއެވެ.