ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރާކާތެއް މުޅިރާއްޖޭގައި ފަށައިފިއެވެ.

މި ހަރަކާތާއި ގުޅިގެން ޕީއެންސީން ބުނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ 12 ދާއިރާއެއްގައި މިހާރު އެޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށް ދާކަމަށެވެ. މި ހަރަަަަކާތަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަރާކާތެއްކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

Ad
rt

މި ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ޕީއެންސީގެ ދާއިރާތަކުގެ މަޖިލީސް މެމްބަރުންނެވެ. އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޕީއެންސީން ބުނެއެވެ.

މެންބަޝިޕް އިތުރު ކުރަން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީއަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކުގެ ފޯމު ޕީއެންސީގެ ޓީމުތަކުން ފުރައިދޭނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި އަހަރު ނިމުމުގެ ކުރިން އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި ދައްކާގޮތުން މިވަގުތު ޕީއެންސީގައި ތިބީ 28،704 މެންބަރުންނެވެ. އަދި އެއީ މިވަގުތު ރާއްޖޭގައި ތިން ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

އެންމެ މެންބަރުން ގިނަ ޕާޓީއަކީ އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީގައި 50،980 މެމްބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތް ޕީޕީއެމްގައި ތިބީ 34،827 މެމްބަރުންނެވެ.