ކ. މާފުށީ ޖަލުގެ ގައިދީންނަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 13 އޮފިސަރަކަށް ދަޢުވާކުރުމަށް މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މި އޮފިސަރުންނަކީ މިއަހަރުގެ ކުރީކޮޅު ޖަލުގައި ހިންގުނު ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ފަރާތްތަކެވެ. ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި 13 އޮފިސަރުންގެ ތެރެއިން 9 މީހުން ހައްޔަރުކުރެވިފައިވަނީ މާފުށިންނެވެ. އަދި ކާށިދޫއިން ދެ މީހަކު، އުތީމުން އެކަކު އަދި މާލެއިން މީހަކު ހައްޔަރުކުރެވިފައިވެއެވެ.
ޕީޖީ އޮފީހަށް ފޮނުވި އޮފިސަރުންގެ ވަނަވަރު:
1. މާޒިން ހަމީދު (22 އަހަރު) - ފ. ނިލަންދޫ / ހަވޭލި
2. ޖިނާހް ޢަބްދުއްރަޙީމް (29 އަހަރު) - ރ. އުނގޫފާރު / އައިވަރީ ހައުސް
3. މުޙައްމަދު ފަތޫޙު ފަތުޙުﷲ (24 އަހަރު) - ގއ. ވިލިނގިލި / ކުއްޅަވައްގެ
4. ޢަލީ ހިޝާމް (33 އަހަރު) - ކ. މާފުށި / ބީޗް ހައުސް
5. މުޙައްމަދު ނަބުހާން (30 އަހަރު) - ގ. އީވްނިންގ ސްޓަރ
6. މުޙައްމަދު ނަބީލް އިބްރާހީމް (21 އަހަރު) - މ. މޭދާ
7. ޢަލީ ނާޒިމް (36 އަހަރު) - ހދ. ނޭކުރެންދޫ / ތަރާނާގެ
8. ޒަޔާން އަޙްމަދު (23 އަހަރު) - ކ. މާފުށި / މާވިނަ
9. ޔާމީން ޙުސައިން (23 އަހަރު) - ރ. މީދޫ / ހިޖާޒް
10. އަޙްމަދު ޝަމާލް (24 އަހަރު) - ށ. ފޯކައިދޫ / ފަހާގެ
11. މުޙައްމަދު ރިމާޒް (29 އަހަރު) - ށ. ފޯކައިދޫ / ދަނބުމާގެ
12. އަޙްމަދު އަނޫފް (27 އަހަރު) - ކ. ކާށިދޫ / ބިންމަތީގެ
13. ޢަލީ އަޝްފާޤް (32 އަހަރު) - ނ. ލަންދޫ / ކާމިނީގެ
މި އޮޕަރޭޝަނާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފު ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ކުރެވުނު ތަޙުޤީޤުތަކުން 18 މުވައްޒަފެއްގެ އެކައުންޓުގައި ޖުމްލަ 73,600,000 ރުފިޔާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!