އިޤްތިޞާދީ ނުރައްކަލެއްގެ ތެރެއަށް އިޒްރޭލް ހިނގައިދާނެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

އިޒްރޭލުގެ މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހު އެ ޤައުމުގެ އިޤްތިސާދީ ހާލަތު އިތުރަށް ދަށަށް ގޮސްފައިވެއެވެ. މި ގޮތުން، ޖީޑީޕީގެ 7.6 އިންސައްތަ އަރާ މިންވަރަށް، 39.77 ބިލިއަން ޑޮލަރުގެ ފިސްކަލް ޑެފިސިޓެއް ރެކޯޑުކޮށްފައިވެއެވެ.

Ad
rt

އިޒްރޭލުގެ އިމަރޖިންގ ޓެކްނޮލޮޖީ ކުންފުނިތަކުގެ ގެއްލުން 15 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މި ސެކްޓަރުގެ 37 އިންސައްތަ ކުންފުނިތައް ގައުމުން ބޭރަށް ފިލައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން، 46,000 ކުންފުނި ބަނގުރޫޓުވެފައިވާކަން ކަށަވަރުވެފައިވާއިރު، އަހަރު ނިމޭއިރު މި އަދަދު 60,000 އަށް އަރާނެކަމަށް ލަފާކުރެވެއެވެ.

އިންޓަރެސްޓް ރޭޓްތައް މަތިކުރުމުގެ ސިޔާސަތު ދެމެހެއްޓުމާއެކު، ޑޮމެސްޓިކް ބޮންޑުތަކުގެ ރިސްކު އިތުރުވެ، ޤައުމުގެ އެތެރޭގެ ދަރަނި 300 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވެއެވެ. ސަރުކާރުގެ ޚަރަދު 81 ބިލިއަން ޑޮލަރަށް އިތުރުވެފައިވީ ނަމަވެސް، އިޤްތިސާދީ ދުވެލި ސުމަކާ ކައިރިއަށް ދަށްވެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު 5 މިލިއަނުން 277,000 އަށް ދަށްވެފައިވާއިރު، 125 ކުންފުނިން ބެން ގުރިއަން އެއަރޕޯޓާއެކު މުޢާމަލާތްކުރުން ހުއްޓާލާފައިވެއެވެ.

މި ހުރިހާ ކަމަކުން ދައްކައިދެނީ އިޒްރޭލުގެ އިޤްތިސާދު ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލަމުންދާކަމެވެ. އަދި މި ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޮތްކަމަށް ވެސް ފާހަގަކުރެވެއެވެ.