ޣައްޒާ ހަނގުރާމަ ފެށުނުފަހުން "އަންރުވާ"ގެ 205 އެހީތެރިން އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އެޖެންސީ (އަންރުވާ) އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި 205 އިންސާނީ އެހީތެރިން މަރުވެފައިވެއެވެ.
އަންރުވާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން "އާންމު ރައްޔިތުން މަރުވެ، މީހުން ގެދޮރު ދޫކޮށް ފިލައި، އަދި ގޭގެއާއި އާންމު ވަސީލަތްތައް ހަލާކުވަމުންދާ" ކަމަށެވެ.
"އޮކްޓޯބަރު 7 އިން ފެށިގެން އޯގަސްޓު 7 ގެ ނިޔަލަށް، މަރުވެފައިވާ އަންރުވާގެ މުވައްޒަފުންގެ ޖުމުލަ އަދަދަކީ 205 އެވެ،" އެޖެންސީން ބުނެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ "ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައި ގާތްގަނޑަކަށް 1.9 މިލިއަން މީހުން (ނުވަތަ ކޮންމެ 10 މީހަކުން 9 މީހުން) ދިރިއުޅޭ ސަރަޙައްދު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ތަކުރާރުކޮށް ހިޖުރަކުރަން މަޖުބޫރުވެފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ (ބައެއް މީހުން 10 ފަހަރު ވެސް ހިޖުރަކޮށްފައިވެއެވެ)."
އެޖެންސީން ބުނާ ގޮތުގައި ޞިއްޙީ ނިޒާމު ވަނީ "ކިރިޔާ މަސައްކަތްކުރާ ހާލަތެއްގައެވެ. އެގޮތުން 90 ހޮސްޕިޓަލާއި ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރު ހުރީ މަސައްކަތް ނުކުރާ ހާލަތުގައެވެ.
އަންރުވާ އިން ފާހަގަކޮށްފައިވަނީ އެ އެޖެންސީ އަކީ "ޞިއްޙީ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެއް ކަމަށާއި، ޣައްޒާގެ އެކި ސަރަޙައްދުތަކުގައި 10 ޕްރައިމަރީ ހެލްތް ސެންޓަރާއި 100 އަށް ވުރެ ގިނަ މޮބައިލް މެޑިކަލް ޕޮއިންޓް މެދުވެރިކޮށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދާ" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!