ޖަރުމަނުގެ އާރުބީ ލެއިޕްޒިގް އަށް ކުޅެމުން އައި ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރ ޑެނީ އޯލްމޯ ހަ އަހަރުގެ އެއްބަސްވުމުގެ ދަށުން ބާސެލޯނާއަށް ސޮއިކޮށްފިއެވެ.
އުމުރުން 26 އަހަރުގެ އޯލްމޯ ބާސާއަށް ބަދަލުވެފައި ވަނީ 60 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާގެ އެއްބަސްވުމުގައި ރިލީސް ފީއެއްގެ ގޮތުގައި 500 މިލިއަން ޔޫރޯ ވަނީ ހިމަނާފައެވެ.
އޯލްމޯ އަކީ ބާސާގެ ލަ މާސިއާ އެކަޑަމީން ތަމްރީންވީ ކުޅުންތެރިއެކެވެ. އޭނާގެ އުމުރުން 16 އަހަރުގައި ބާސާދޫކޮށް 2014 ވަނަ އަހަރު ބަދަލުވީ ކޮރޭޝިއާގެ ޑައިނަމޯ ޒަގްރެބްއަށެވެ. އެއަށްފަހު 2020 ވަނަ އަހަރު އޭނާ ބަދަލުވީ ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގަށެވެ. އެ ޓީމުގައި ފާއިތުވި ހަތަރު ސީޒަންގައި ވެސް އޭނާ ވަނީ މޮޅަށް ކުޅެފައެވެ. އެ ޓީމަށް ކުޅެދިން 148 މެޗުގައި އޭނާ ވަނީ 29 ލަނޑުޖަހައި 34 ލަނޑު ޖަހަން އެސިސްޓް ކޮށްފައެވެ.
ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު، މުބާރާތުގައި ތިން ލަނޑު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭ އޭނާ ހިމެނުނެވެ. އެ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ލޯ އޭނާއަށް އަމާޒުވިއެވެ. ހާއްސަކޮށް ބަޔާން މިއުނިކުން އޭނާއަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!