ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

Ad
rt

އެގޮތުން، ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މަޢުލޫމާތު ދީފައިވާކަމަށް އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މި ހާލަތާ ގުޅިގެން އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވެސް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ އިރުޝާދުތަކެއް ދެމުން، ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް ވެސް މޫސުމާބެހޭ އިދާރާއިން ވަނީ އަންގާފައެވެ.

މި މޫސުމީ ހާލަތާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި:

- ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން

- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ކުރިމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން

- ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނޭ މުދާ ފެން ނުޖެހޭ ފަދަ އުސްތަނަކަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން

- ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލަިއލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން

- ގަދަ ވައިގެ ސަބަބުން އެއްލައިލާނެފަދަ ތަކެތި ބަނދެ ރައްކާތެރިކުރުން

- ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވައިލާފައި ބެހެންޓުން

- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން

- ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުން.

- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެގޮތަށް ދުރާލާ ކަންކަން އިންތިޒާމްކުރުން

މި މޫސުމީ ހާލަތާ ގުޅިގެން އެންމެހައި ރައްޔިތުން ސަމާލުވެ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ގޮވާލާފައިވެއެވެ.