މާލޭގެ ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަހާއި އޭގައި ހުރި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު 10:50 ހާއިރު މާލޭ މާފަންނުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި މައްސަލައެއްގެ މައުލުމާތު ލިބިފައިވާ ކަމަށެވެ.
އެމީހުންގެ ދަބަސް ވަގަށް ނަގާފައި ވަނީ މޫދަށް އެރުމަށް ގަސްތައް ކައިރީ ދަބަސް ބާއްވާފައި އޮއްވައެވެ.
މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އެ ދަބަސް ވަގަށް ނެގި މީހުން ހޯދުމަށް ސީސީޓީވީ ފުޓެޖުބަލައި އެކަން ކުރި މީހުން ދެނެގަނެފައެވެ. އަދި ފުލުހުންގެ ސަމާލުކަމަށް އެކަން އައިތާ އެއް ގަޑިއިރުތެރޭ، އެ ދަބަސް ހޯދައި، އޭގައި އޮތް ދެ ފޯނާއި އެހެނިހެން ތަކެތިވެސް ހޯދައި ވެރިފަރާތާއި ވަނީ ހަވާލުކޮށްފައެވެ.
މިކަން ކުރި ދެމީހުން ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގު، ދިލްބަހާރު މަގު ގުޅޭ ހިސާބުންނެވެ. އެ ދެމީހުންނަކީ ތ. ތިމަރަފުށީ، ލަކީ ހައުސް، ސޮފްވާން އަލީ އާއި ގއ. ވިލިނގިލި، ޒިއުރިކް ވިލާ، ހަސަން ތައުފީގެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!