އޮލިމްޕިކްގެ ފިރިހެން ފުޓްބޯޅައިން މޮރޮކޯ ލޯ މެޑަލް ހޯދައިފިއެވެ. މިއީ އޮލިމްޕިކް މެޑަލްއެއް ފުޓްބޯޅަ އިވެންޓުން އެ ގައުމު ހޯދި ފުރަތަމަ ފަހަރެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯ ޓީމް ސެމީ ފައިނަލުން ކެޓީ 2-1 ގެ ނަތީޖާއިން ސްޕެއިން އަތުން ބަލިވެގެންނެވެ. ރޭ ތިންވަނަ ހޮވާ މެޗުގައި މޮރޮކޯ ބައްދަލުކުރީ ސެމީގެ ދެވަނަ މެޗުގައި ފްރާންސް އަތުން ބަލިވެ މުބާރާތުން ކެޓި އިޖިޕްޓާއެވެ. މެޗު 6-0 ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މޮރޮކޯއިން ވަނީ ލޯމެޑަލް ކާމިޔާބު ކޮށްފައެވެ.

Ad
rt

ރޭ މެޗުގައި މޮރޮކޯ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމްގެ ރަހީމީ ވަނީ ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތަކާއިއެކު އޭނާ މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ވަނީ 8 އަށް އަރާފައެވެ. މިވަގުތު މުބާރާތުގެ ޓޮޕް ސްކޯރާއަކީ އޭނާއެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އެޒަލްޒުލީ، ހަކީމީ، ނަކަޗްގެ އިތުރުން ހަނޫސްއެވެ.

ސްޕެއިންއާއި ފްރާންސް ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގައެވެ.