ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރ ޕެޕޭ ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ.

އުމުރުން 41 އަހަރުގައި ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކޮށްފައިވަނީ އިއްޔެ ސޯސަލް މީޑިއާގައި އޭނާ ޕޯސްޓްކުރި ވީޑިއޯއެއް މެދުވެރިކޮށެވެ.

Ad
rt

މިދިޔަ މަހު ޖަރުމަނުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ޕެޕޭއަކީ، ޔޫރޯގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ. ޔޫރޯއިން ޕޯޗުގަލް ކެޓީ ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. އޭނާ ވަނީ ގައުމީ ޓީމަށް 141 މެޗު ކުޅެފައެވެ. ޕޯޗުގަލް ޓީމަށް ޕެޕޭއަށްވުރެ ގިނައިން މެޗު ކުޅެފައި ވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖޯ މޯޓީނިއޯއެވެ.

ޕެޕޭ ވަނީ އޭނާގެ ކެރިއާގައި ހަތަރު ޓީމަކަށް ކުޅެފައެވެ. އެއީ ޕޯޓޯ، ބެސިކްޓަސް، މެރިޓިމޯގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑެވެ. އޭނާގެ ކާމިޔާބު ކެރިއާ ގުޅިގައި ވަނީ ރެއާލް މެޑްރިޑާއެވެ. އެ ޓީމުގައި 10 އަހަރު ހޭދަކުރި އިރު ލަލީގާ ތިންފަހަރު އަދި ޗެމްޕިއަންސް ލީގު ވެސް ވަނީ ތިންފަހަރު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ރެއާލަށް 334 މެޗު ކުޅެފައެވެ. އޭނާގެ ކެރިއާގައި ޖުމްލަ 878 މެޗު ކުޅެ 34 ތައްޓެއް ވަނީ ކާމިޔާބު ކޮށްފައެވެ.

ޕޯޗުގަލްއާއިއެކު 2016 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޖެހިގެން އައި އަހަރު ޔުއެފާ ނޭޝަންސް ލީގު ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަންގައި ޕޯޓޯއާއިއެކު ޗެމްޕިއަންސް ލީގުގައި ކުޅުނު ޕެޕޭ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ވެސް ލަނޑުޖެހި އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ.

ޖެހިލުން ކުޑަ ފައުލް ގިނަ ޕެޕޭއަށް އޭނާގެ ކެރިއާގައި 17 ރަތް ކާޑު ދައްކާފައެވެ. އަދި 212 ރީނދޫ ކާޑު ވަނީ ދައްކާފައެވެ.

ވީޑިއޯ މެސެޖްގައި ޕެޕޭ ބުނީ ފުޓްބޯޅައިގައި އޭނާ އަށް އެހީތެރިވި ކޮންމެ މީހަކަށް ވަކިވަކިން ޝުކުރުއަދާކުރާ ކަމަށާއި ކުޅުން ހުއްޓާލަން ނިންމުމާއިއެކު ހަޔާތުގެ ބޮޑުބަޔެއްގެ ނިމުން އައި ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި ފުޓްބޯޅައިގެ ފަހުރުވެރި އަދި އުފާވެރި ހަނދާންތައް އަބަދުވެސް އޭނާގެ ހިތާއި ސިކުނޑީގައި ދިރިދިރި ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.