ފެނަކަ ކޯޕަރޭޝަނުން 4 މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
އެ ކުންފުނިން އިއުލާން ކޮށްފައިވަނީ ށ.މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި، ހއ.ދިއްދޫ، ފުވައްމުލަށް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަމުންދާ އިންޖީނުގެތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށެވެ.
ފެނަކައިން އިއުލާނުކުރި 4 މަޝްރޫއަކީ ވެސް މިދިޔަ މެނޭޖްމަންޓުން އިންހައުސްކޮށް ނުވަތަ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެވެ. ފެނަކައިން ބުނީ އިންހައުސްކޮށް ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރުމުން ބޮޑުތަނުން ޚަރަދު ކުޑަވެ، ލުއިފަސޭހަވެގެންދާނެ ކަަމަށެވެ.
ކުރީ ސަރުކާރުން އިންހައުސްކޮށް މި މަޝްރޫއު ހިންގިނަމަވެސް އެކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ނުއަގުގައި ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކަ އަކީ ރައްޔިތުންނަށް އަސާސީ ޙިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންނަށް އެދެވޭ ޙިދުމަތެއް ދެވޭ ކުންފުންޏަކަށް، ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!