މަތީ ތަޢުލޫމުދޭ މަރުކަޒުތަކުން އިސްތިހާރުކުރާ ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދައޮތް ކޯހެއްކަން ކަށަވަރުކުރުމަށް އެތަނުން އިލްތިމާސްކޮށްފިއެވެ.

އެމްކިއުއޭއިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް އެކިއެކި ސޯޝަލް މީޑިއާ ތަކުގައި އިސްތިޙާރު ކުރަމުން ކަމަށެވެ.

Ad
rt

އެހެންކަމުން ކިޔަވާ ދަރިވަރުން އެއިން ތަނަކުން ހިންގާ ޕްރޮގްރާމަކަށް އެންރޯލް ވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިހާރު ކޮށްފައިވަނީ އެމްކިއުއޭ އިން ހުއްދަ ދީފައިވާގޮތަށްކަން ކަށަވަރުކުރުމަށް އެމްކިއުއޭއިން ވަނީ އެދިފައެވެ.

މިގޮތުން އެ ޕްރޮގްރާމެއް ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މަޢުލޫމާތު ހޯދުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވާއިރު، އެމްކިއުއޭއިން ބުނީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓާއި އެއާއިގުޅޭ އެހެނިހެން މަޢުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.

އެމްކިއުއޭގެ ވެބްސައިޓް ލިންކް: https://mqa.gov.mv/en/qualifications-register-introduction

މަތީ ތަޢުލޫމުދޭ މަރުކަޒުތަކުން އިސްތިހާރުކުރާ ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެ ކޯހަކީ، އެމްކިއުއޭގެ ހުއްދައޮތް ކޯހެއްކަން ކަށަވަރުކުރުމަށް އެތަނުން އިލްތިމާސްކޮށްފައިވާއިރު އެމްކިއުއޭ ހުއްދަނުދޭ ސްރީލަންކާގެ ތަނަކުން ދިވެހި ދަރިވަރުންތަކެއް ޕީއެޗްޑީ ހެދި މައްސަލައެއް ވެސް ކުރިން ވަނީ ފެންމަތިވެފައެވެ. އަދި ބައެއް އޮންލައިން ޕްރޮގްރާމްތަކަކީ، ހުއްދައޮތް ޕްރޮގްރާމެއްކަން ނުބަލާ ކިޔަވައި ނިމި، ކޯހުގެ ސަނަދު އެމްކިއުއޭއިން އެޕްރޫވް ނުކުރުމުން ދަރިވަރުންނަށް ގެއްލުންވާ ހާލަތާއި ވެސް ކުރިމަތިވެފަވެއެވެ.