އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ ބޭސިކް ސައިން ލޭންގުއޭޖު ކޯހުގެ ފުރަތަމަ ބެޗްގެ ކޯސް މިއަދު ފަށައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތް ބަހުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްފައިވާ ކޯހެކެވެ.

Ad
rt

މި ކޯސް ހިންގުމުގެ މަޤްޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމެވެ.

އެ ވުޒާރާއިން މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ބެޗުތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި 50 ބައިވެރިން ތިބޭ ގޮތަށެވެ.

މި ކޯހުގެ ފުރަތަމަ ބުރުގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ މި ކޯހުގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނީ މިއީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދީ، ސަރުކާރުގެ މުއައްސަސާތަކުން ޚިދުމަތް ހޯދުމުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ކުޑަކުރެވި، އެ ފަރާތްތަކަށް މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމަޔަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.