އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުޅަނގު ސަރަޙައްދުގައި ބޮޑު ބަނދަރެއް އަޅަން ނިންމައިފިއެވެ.
މި ބަނދަރު އެޅުމުގެ މަޤްޞަދަކީ ރަޝިޔާއާއެކު ކުރެވޭ ވިޔަފާރި އިތުރުކުރުމެވެ. މި ބަނދަރު 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭ ހާލަތަށް ގެނެވޭނެ ކަމަށް ބެލެވެއެވެ.
މަހާރާޝްޓްރާގެ ވަދަވާން ސަރަޙައްދުގައި އެޅުމަށް ނިންމާފައި މި ބަނދަރު އެޅުމުން އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓޭޝަން ކޮރިޑޯ އަދި އިންޑިއާ-މިޑްލް އީސްޓް ޔޫރަޕް އިކޮނޮމިކް ކޮރިޑޯ މެދުވެރިކޮށް ކުރެވޭ ވިޔަފާރި އިތުރުވާނެ ކަމަށް އުންމީދު ކުރެވެއެވެ.
އިންޑިއާގެ ބަނދަރުތަކާއި ކަނޑުދަތުރުފަތުރާ ބެހޭ ވަޒީރު ސަރބަނަންދަ ސޯނޯވާލް ޕާލިމެންޓުގައި ވިދާޅުވި ގޮތުގައި މި ބަނދަރު އެޅުމަށް 9 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ ޖަވާހަރުލާލް ނެހުރޫ ޕޯޓް އޮތޯރިޓީ އާއި މަހާރާޝްޓްރާ މެރިޓައިމް ބޯޑުންނެވެ. މި މަޝްރޫޢުގެ ސަބަބުން އެއް މިލިއަނެއްހާ ވަޒީފާ އުފެދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިންޑިއާ އާއި ރަޝިޔާ އަކީ ދުރު ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. މި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ، އިޤްތިޞާދީ އަދި ސަޤާފީ ގުޅުން ވަރަށް ބަދަހިކޮށް އޮވެއެވެ. ޚާއްޞަކޮށް ދިފާޢީ ދާއިރާގައި މި ދެ ޤައުމުގެ ގުޅުން ވަރަށް ވަރުގަދައެވެ. އިންޑިއާގެ ގިނަ ހަތިޔާރުތައް ގަންނަނީ ރަޝިޔާއިންނެވެ. އަދި ރަޝިޔާއިން އިންޑިއާއަށް ހަކަތައިގެ ވަސީލަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި މި ދެ ޤައުމު ގިނަ ފަހަރަށް އެއް އަޑަކުން ވާހަކަދައްކައެވެ. މި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޓަކައި އެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!