މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިން ބަޔެއް މައާފުކޮށްދިނުމުން ވެސް ގިނަބަޔަކު ކުލި ނުދައްކާތީ، ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ 20 އިންސައްތަ މަޢާފުކޮށްދީފައިވާނެ ކަމަށެވެ.
މިއާއިއެކު މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓްތަކުގެ ވެރި ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
''ނަމަވެސް، ގިނަ ފަރާތްތަކުން އަދި ވެސް ފައިސާ ދައްކަމުން ނުދާތީ، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް މިނިސްޓްރީން އިލްތިމާސްކުރަމެވެ.'' ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އެ ޔުނިޓުތަކަށް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބޭނުންކުރުމާއި ނުގަވައިދުން ތަނަށް ބަދަލު ގެނައުމާއި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާއި ޔުނިޓުތައް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން އެ ވުޒާރާއިން ބަލަމުން އަންނަ ކަމަށް ބުނެފަވެއެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އަަމަލު ކުރާ ފަރާތްތަކާ މެދު އެއްބަސްވުމާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނޫސްބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!