ހުޅުމާލޭ ހާންޖީ ރެސްޓްރެންޓްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އެތަނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް ނިންމާލުމަށެވެ.
ނަމަވެސް ހުލާސާ ބަޔާން ހުށަހެޅުމުގެ ކުރިން ދައުލަތުން އެދުނީ އާބިދުގެ މައްޗަށް އެ ދައުވާ ސާބިތު ނުވިޔަސް އެހެން ކުށެއް ސާބިތުވާ ނަމަ އެގޮތަށް ނިންމައި ދިނުމަށެވެ. އެހެންވެ އެކަމަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށް އާބިދުގެ ދިފާއީ ވަކީލް ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމަށް އަންނަ ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ހުލާސާ ބަޔާނަށް ފަހު، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!