ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން ފޭބުމަށް އެމެރިކާއިން އަންގައިފިއެވެ.

ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެންގީ "ލިބެން ހުރި ކޮންމެ ޓިކެޓަކުން" އެ ގައުމުން ވީ އެންމެ އަވަހަކަށް ފުރައިގެން ދިއުމަށެވެ. މެދުއިރުމަތީގެ ސަރަހައްދުގައި އޮތް ހަލަބޮލިކަން އިތުރުވަމުން ދިއުމާ ގުޅިގެން މި އިންޒާރު ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Ad
rt

މި އިންޒާރު ދީފައިވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވެސް މިފަދަ އިންޒާރެއް އެގައުމުގެ ރައްޔިތުންނަށް ދީފައިވާ ދަނޑިވަޅެއްގައެވެ. ލެމީ ވިދާޅުވެފައިވަނީ ސަރަހައްދުގެ ހާލަތު "ކުއްލިއަކަށް ގޯސްވެދާނެ" ކަމަށެވެ.

މި އިންޒާރުތައް ދީފައިވަނީ ބުދަ ދުވަހު ތެހެރާނުގައި ހަމާސްގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އިޒްރޭލަށް "ހަރުކަށި" ބަދަލު ހިފުމަށް އީރާނުން އިންޒާރު ދިނުމާ ގުޅިގެންނެވެ. ހަނިއްޔާ ޝަހީދުކޮށްލި ދުވަހުގެ ކުރިން އިޒްރޭލުން ބެއިރޫތުގައި ހިޒްބުﷲގެ ކޮމާންޑަރު ފުއާދު ޝުކުރީވސް ޝަހީދު ކޮށްލާފައިވެއެވެ.

އީރާނުގެ ބާރު ފޯރާ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲއިން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށާއި، އެފަދަ ހަމަލާއެއް ދިނުމުން އިޒްރޭލުން ވެސް ހަރުކަށި ޖަވާބެއް ދޭނެ ކަމަށް ބެލެވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައ ބުނާގޮތުން އާދީއްތަ ދުވަހުގެ ފަތިހު ހިޒްބުﷲއިން އުތުރު އިޒްރޭލުގެ ބައިތު ހިލާލް ރަށަށް ގިނަ އަދަދެއްގެ ރޮކެޓު ހަމަލާތަކެއް ދީފައިވެއެވެ. ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ވީޑިއޯތަކުގައި އެ ރޮކެޓުތައް އިޒްރޭލުގެ މިސައިލް ދިފާއީ ނިޒާމުން ހުއްޓުވާލި މަންޒަރު ފެނެއެވެ. އެ ހަމަލާގައި މީހަކު މަރުވި ކަމުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.

އުރުދުންގެ ފޮރިން މިނިސްޓްރީން ވެސް އެ ގައުމުގެ ރައްޔިތުންނަށް އިންޒާރު ދީފައިވަނީ ލުބުނާނުގައި ތިބި އުރުދުންގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރުމަށެވެ.