ހުޅަނގު އައްސޭރީގެ އުތުރުގައި ދިން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ދެ އުޅަނދަކަށެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވާ ގޮތުގައި ބަލްއާ އާއި އިކްތަބާ ސަރަހައްދުގެ މެދުތެރޭގެ މަގެއްގެމަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވިއެވެ. އަދި އޭގެ ކުރިން ޒައިތާ-އައްތިލް އަވަށުގެ މަގެއްގެ މަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި ވެސް 5 މީހުން ޝަހީދުވިއެވެ.

Ad
rt

މި ހަމަލާތަކާ ގުޅިގެން ތުލްކަރަމް ސިޓީގެ ތާބިތު ސަރުކާރު ހޮސްޕިޓަލަށް 5 މީހެއްގެ އަނދާފައިވާ ހަށިގަނޑު ގެނެވުނު ކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވިއެވެ. މަރުވި މީހުންގެ ތެރެއިން އެކަކީ ތުލްކަރަމް ރެފިއުޖީ ކޭމްޕުގެ 25 އަހަރުގެ ޔައިތަމް ނޫރިއްދީން ބްލެއިދީން ކަމަށް ވަފާއިން ރިޕޯޓްކޮށްފައިވެއެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ވަނީ ސަރަހައްދު ވަށައިލައި، ރައްޔިތުން އެ ސަރަހައްދާ ކައިރިވިޔަ ނުދިނުމަށް މަސައްކަތްކޮށްފައެވެ. އިސްރާއީލު އަސްކަރިއްޔާއިން ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން ގާޒާގައި ކުރިއަށްދާ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ވެސްޓް ބޭންކާއި ޖެރޫސަލަމްގައި ހަލަބޮލިކަން އިތުރުވަމުންދެއެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ އިސްރާއީލުން ފަލަސްތީނު ބިންތައް އަހަރުތަކެއް ވަންދެން ހިފާޕައިކޮށްފައި އޮތުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި، ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމްގައި ހުރި ހުރިހާ ހިޔާވަހިތަކެއް ހުސްކުރުމަށް އަމުރުކޮށްފައެވެ.