އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދެފި އެވެ.

އެމިނސިްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި 3 ކުޑަކުދިން ނިޔާވުމާ ގުޅިގެންނެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ސަމާލުކަމާއެކު ވަރަށް ގާތުން ބަލަމުންނެވެ.

މިނިސްޓްރީން އިލްތިމާސްކޮށްފައިވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ޚާއްޞަކޮށް ސައުތްޕޯޓް އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން އިތުރު ސަމާލުކަން ދިނުމަށެވެ. އަދި އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށްވެސް އެދިފައިވެއެވެ.