އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ކަޓުވާލުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ޖާގަ ހޯދައިފިއެވެ.
އަމިއްލަ ގައުމުގައި ބާއްވާ އޮލިމްޕިކް މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ޖާގަ ހޯދީ ކުއާޓާގައި އާޖެންޓީނާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ފްރާންސް ބަލިވުމާއި، އާޖެންޓީނާއިން މި އަހަރު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު އުފާފާޅު ކުރުމުގެ ތެރޭ ފްރާންސްގެ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކުރި މައްސަލަ ފަދަ ކަންކަމާއި ގުޅިގެން މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމްގެ ދެމެދު އޮތީ ވާދަވެރިކަން ބޮޑުވެފައެވެ.
މިފަދަ ސަބަބުތަކާއި ހުރެ ފްރާންސްގެ ސަޕޯޓަރުން ރޭ މެޗު ފެށުމުގެ ކުރިން އާޖެންޓީނާގެ ގައުމީ ސަލާމްކީ ވަގުތު ވެސް ވަނީ ދަނޑުގައި އަޑުގަދަ ކޮށްފައެވެ. ރޭ މެޗު ނިމުނު ވަގުތު ވެސް ދެ ޓީމްގެ ދެމެދު ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުން ތަކެއް ހިނގާފައެވެ.
ރޭ މެޗުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގައި ފްރާންސުން ޖެހި ހަމައެކަނި ލަނޑު، ފަސްވަނަ މިނެޓުގައި އޮލީސޭ ނަގައިދިން ކޯނަރަކުން ތަނަވަސްވީ ފުރުސަތުގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ މަޓޭޓާއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ބައްދަލު ކުރަން ޖެހޭނީ އިޖިޕްޓާއެވެ. އިޖިޕްޓާއި ޕެރަގުއޭ ކުއާޓާގައި ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިޖިޕްޓުން ޕެރަގުއޭ މައްޗަށް ކުރި ހޯދީ 5-4 ގެ ނަތީޖާއިންނެވެ.
ފްރާންސުގެ ފިރިހެން ފުޓްބޯޅަ ޓީމަށް 1984 އަހަރު ފަހުން އޮލިމްޕިކް ގޯލްޑް މެޑަލް ހޯދިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!