އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު އިސްރާއީލުން ޣައްޒާގައި މަރާލައިފިއެވެ.
ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިޔަކާއި ކެމެރާމަނަކު މަރާލުމާ ގުޅިގެން، ނޫސްވެރިން ރައްކާތެރިކުރުމަށް ޖެރޫސަލަމްގައި ހުންނަ ބްރިޓާނިއާގެ ކޮންސިއުލޭޓުން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އިޒްރޭލުން މަރާލި ދެ ނޫސްވެރިންނަކީ އަލްޖަޒީރާގެ އިސްމާޢީލް އަލް-ޣޫލްއާއި އޭނާގެ އެކުވެރި ކެމެރާމަން ރާމީ އަލް-ރިފީއެވެ.
ކޮންސިއުލޭޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ޣައްޒާގައި އިތުރު ދެ ނޫސްވެރިން މަރާލާފައިވާ ކަމަށެވެ. އަދި މިހާރު އޮކްޓޯބަރު 7 އިން ފެށިގެން ޖުމްލަ 113 ފަލަސްޠީނު ނޫސްވެރިން މަރާލާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ނޫސްވެރިން ރައްކާތެރިކުރަންޖެހޭނެ ކަމަށް ބްރިޓާނިއާގެ ކޮންސިއުލޭޓުން ބުނެފައިވެއެވެ.
ނަމަވެސް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ޣައްޒާގައި 165 ނޫސްވެރިން މަރާލާފައިވާ ކަމަށެވެ.
ޣައްޒާގައި ނޫސްވެރިންނަށް އަމާޒުކޮށް ދަނީ ހަމަލާތައް ދެމުންނެވެ. އަދި މިކަމާ ގުޅިގެން ގިނަ ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!