ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފާ ވާއިރު، އޭނާ ޝަހީދުކޮށްލީ އޭނާ އީރާނަށް ވަޑައިގަންނަވާއިރު އާންމުކޮށް ހުންނަވާ ގެސްޓްހައުސްގައި ދެ މަހެއްހާ ދުވަސް ކުރިން ހަރުކުރި ބޮމެއް ގޮއްވާލައިގެން ކަމަށް މީޑިާ ރިޕޯޓެއްގައި ބުނެފިއެވެ.
ސީއެންއެންއިން ކަމާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ބޮން ގޮއްވާލީ ހަނިއްޔާ ގެސްޓްހައުސްއަށް ވަޑައިގެން، ކޮޓަރިއަށް ވަދެވަޑައިގަތުމާއެކުގައެވެ. އެ ބޮން ގޮއްވާލާފައި ވަނީ ގެސްޓްހައުސްއިން ބޭރުން، ރިމޯޓްކޮށް ކަމަށް ވެސް އެ ނޫހުގައިވެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއާއި ހަމާސްއިން މީގެކުރިން ބުނެފައިވަނީ، ހަނިއްޔާ އަވަރާހަކޮށްލީ އޭނާ ދިރިއުޅުއްވި އިމާރާތަށް އަމާޒުކުރި ރޮކެޓް ހަމަލާއެއްގައި ކަމަށެވެ.
ހަނިއްޔާ ތެހެރާނަށް ވަޑައިގަތީ ކޮން އިރަކު ކަން ސާފު ނުވި ނަމަވެސް އެ ގައުމުގެ އާ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަނިއްޔާ ތެހެރާނަށް ވަޑައިގަންނަވާނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން މިދިޔަ ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.
ހަނިއްޔާ އީރާނުން ފުރަތަމަ ފެނިފައިވަނީ އަންގާރަ ދުވަހު، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރެއްވި ވަގުތެވެ. އޭގެފަހުން އީރާނުގެ މީޑިއާތަކުން ވަނީ ހަނިއްޔާ އީރާނުގެ އާ ރައީސް މަސޫދު ޕެޒެޝްކިއަންއާ ބައްދަލުކުރައްވާ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.
ހަނިއްޔާ ދެން ފެނިވަޑައިގަތީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ އިމާރާތުގައި އޮތް ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި އޭނާ އިށީދެވައިޑައިގެން އިންނެވީ އެންމެ ކުރީ ސަފުގައެވެ.
ހަނިއްޔާ އަވަހާރަކޮށްލުމަކީ އިސްރާއީލުން ރަތްރޮނގު ހުރަސްކުރުން ކަމަށްބުނެ އިރާނުގެ އިތުރުން ހަމާސްއާއި ، ހިޒުބުﷲ އިންވެސް ވަނީ އިސްރާއީލުގެ ކިބައިން އެކަމުގެ ބަދަލު ހަރުކަށިކޮށް ހިފާނެކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!