ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް ރާއްޖޭގައި ދިރިއުޅެމުން ދިޔަ ނޯވޭގެ ޓޫރިސްޓަކު ޑީޕޯޓުކޮށްލައިފި އެވެ.
އިމިގްރޭޝަނުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މި ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ނަމަވެސް އޭނާގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެނބުރި ގައުމަށް ނުގޮސް، ރާއްޖޭގައި މަސައްކަތް ކޮށްގެން ދިރިއުޅެމުން ދިޔަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ އިމިގްރޭޝަންގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރި އެވެ. އަދި އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެފައި ވާތީ އޭނާ މިހާރު ވަނީ ޑީޕޯޓުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނާއި އެހެނިހެން ގޮތްގޮތުން ވިސާއަށް މަކަރު ހަދައިގެން ރާއްޖޭގައި ދިރިއުޅޭ މީހުން ދެނެގަނެ، އިމިގްރޭޝަނުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.
މި ފަދަ ޙާލަތްތަކުގައި އިމިގްރޭޝަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ކަމެއް ކަމުގައި ބެލެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!