ޚަރަދުކުޑަކޮށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުންފުނި ހިންގީ ފައިދާގައި ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ކުންފުނި ހިންގީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށެވެ. ނަމަވެސް އައު ސަރުކާރާއެކު، ކުންފުނީގެ ހަރަދު ކުޑަ ކުރަން ފެށި މަސައްކަތްތަކުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު މިލިއަން ރުފިޔާގެ ފައިދާވި ކަމަށް ވިދާޅުވިއެވެ.

Ad
rt

މުއާޒު ވިދާޅުވި ގޮތުގައި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 7.4 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައެވެ. މިގޮތަށް ހިންގުނީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު ދާއިރާތަކުން ހަރަދުތައް ކުޑަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ މެނޭޖްމަންޓުން ފެނަކައާ ހަވާލުވި އިރު އެ ކުންފުނީގައި 8،200 މުވައްޒަފުން މަސައްކަތް ކުރި ކަމަށާއި މިހާރު ތިބީ 7،300 މުވައްޒަފުން ކަމަށްވެސް މުއާޒް ވިދާޅުވިއެވެ. އަދި ކުންފުނި "ރައިޓް ސައިޒު" ކުރުމުގެ މަސައްކަތުގެ ދަށުން އެކުންފުންޏަށް މިވަގުތަށް އެކަށީގެންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވި ގޮތުގައި ކުންފުނި އަދިވެސް އޮތީ ވަރަށް އުނދަގޫ ހާލަތެއްގައެވެ. އެހެންވިޔަސް ކުންފުނީގެ ދަރަނި ކުޑަކޮށް، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދުކުރާ މިންވަރާ ގާތަށްވެސް އަޅުގަނޑުމެންގެ ހިދުމަތްތަކުގެ ފެންވަރު މައްޗެއް ނުކުރެވޭ. އެ ސަބަބަކީ، އަޅުގަނޑުމެން ހޯދަން އެބަ ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ސްޕެއާ ގަތުމަށްޓަކައި، ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެ ކުންފުނިން 29 ރަށަށް ފެން ދެނީ ބިލް ނުކޮށް ކަމަށާއި، ބިލް ކުރަން ފެށުމުންވެސް ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބޭނެކަމަށެވެ. އަދި ކުންފުނީގެ ދަރަނިތައް އަދާކުރަން ކޮންމެ މަހަކު ވެސް ވަކި ވަރެއް ހޭދަކުރަން ޖެހޭއިރު އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް އެކުންފުނީގެ މިވަގުތު އޮތް 4.3 ބިލިއަން ރުފިޔާގެ ދަރަނި ހަލާސްކުރުން ކަމަށްވެސް ވިދާޅުވިއެވެ.