މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

ކަސްޓަމްސްގެ ރަސްމި އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަޤީންކަން އަދުގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

Ad
rt

އެ ޔަޤީންކަން ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު އިއްޔެ ކަސްޓަމްސްއިން ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ. އަލީ ހައިދަރު ދެއްވާފައިވާކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި ނިންމެވުމުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 85 ފްލެޓާއި، 2 ކޮޓަރީގެ 15 ފްލެޓެވެ.

ކަސްޓަމްސްއަށް ޚާއްސަކުރާ 100 ފްލެޓް ލިބޭ އެތަނުގެ މުވައްޒަފުންނާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި 100 ފްލެޓަކީ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓްތަކެކެވެ.