ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފިއެވެ.
މި ހަމަލާދިންކަން އިޒްރޭލުން ކަށަވަރު ކޮށްދީފައިވާއިރު، ބޮން އެޅީ، ބެއިރޫތުގެ ދެކުނުގައި ހިޒްބުﷲ ގެ މަރުކަޒެއް ހުންނަ ތަނަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަދި ހަމަލާ ދިނީ ހިޒްބުﷲ ގެ ކޮމާންޑަރަކަށް އަމާޒު ކޮށް ކަމަށާއި، އޭނާ އަކީ އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސްބިންތަކަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި އިސް ދައުރެއް އަދާ ކުރި ފަރާތް ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ހަމަލާ އިޒްރޭލުން ހިޒްބުﷲ ގެ ބޮލުގައި އެޅުވި ނަމަވެސް އެ ޖަމާއަތުން ބުނެފައިވަނީ އެ ހަމަލާއާ ގުޅުމެއް ނެތް ކަމުގައެވެ.
ރޭ އިރާކޮޅު ދިން މިހަމަލާގައި އިޒްރޭލުން އަވަހާރަކޮށްލަން މަސައްކަތް ކުރި ހިޒްބުﷲ ގެ ކޮމާންޑަރ މުހްސިން ޝުކޫރު ގަދަވެ ހުރި ކަމަށް އޭއެފްޕީ އާއި ރޮއިޓާސް އިން ވެސް ބުނެފައިވެއެވެ.
މުހުސިން ޝުކޫރަކީ ހިޒްބުﷲ ގެ އަސްކަރީ ބައިގެ އެންމެ އިސް ފަރާތް ކަމަށާއި އަދި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ގެ މުޝީރެއް ކަމަށް ޚަބަރުތައް ބުނެއެވެ.
އެ ކޮމާންޑަރަކީ އެމެރިކާ އިން ހޯދަން ބޭނުންވާ އަދި އޭނާ އާ ބެހޭ މައުލޫމާތު ދޭ ފަރާތަކަށް 5 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ފަރާތެކެވެ. އެމެރިކާ އިން ބުނެފައިވަނީ ބެއިރޫތުގައި ހުރި އެމެރިކާގެ މެރިން ބެރެކްސް އަށް 1983 ވަނަ އަހަރު ދިން ހަމަލާ ގައި އިސް ދައުރެއް އަދާ ކުރީ އޭނާ ކަމަށެވެ. އެ ހަމަލާގައި އެމެރިކާގެ 241 ސިފައިން މަރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!