އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް މަގާމުގެ ހުވައި ކުރައްވައިފިއެވެ.
އުމުރުފުޅުން 69 އަހަރުގެ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވީ އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން ދުނިޔޭގެ 80 ގައުމަކުން އެ ގައުމުތަކުގެ އިސްވެރިންގެ ފެންވަރުގައި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.
ރާއްޖޭގެ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް ވެސް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އީރާންގެ އައު ރައީސް މަގާމުގެ ހުވައި އަންގާރަ ދުވަހު ކުރެއްވި ނަމަވެސް ރައީސްގެ ދައުރު ފެށިފައިވަނީ އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމަށް އެންޑޯޒް ކުރެއްވި ދުވަސް ކަމަށްވާ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވެއެވެ.
އީރާނުގެ ގާނޫނު ބުނާ ގޮތުން މަގާމުގެ ހުވައި ކުރައްވާތާ ދެ ހަފްތާގެ ތެރޭގައި ރައީސް އޭނާގެ ކެބިނެޓް ގާނޫނު ހަދާ މަޖިލީހަށް ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހޭނެއެވެ.
އީރާނުގެ އައު ރައީސް ވަނީ ފުރަތަމަ ނައިބު ރައީސް ކަމުގެ މަގާމަށް އުމުރުން 72 އަހަރުގެ މުހައްމަދު ރިޒާ އާރިފް އާދިއްތަ ހަމަ ޖައްސަވާފައެވެ. ރިޒާ ވަނީ މުހައްމަދު ޚާތަމީ ގެ ވެރިކަމުގައި ވެސް އެގައުމުގެ ނައިބު ރައީސް ކަމުގެ މަގާމު އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!