ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަަކަށް ބަދަލުކުރުމަށް އިއުތިރާޟެއްނެތް ކަމަށާއި، އެކަމަކު އެތަން ވާންވާނީ 15 އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީފައިވާ ތަނަކަށްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވަނީ ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ.

Ad
rt

އެ ބިލުގެ މަސައްކަތް ކުރަމުންދާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ވަނީ އެ ބިލާއިގުޅޭގޮތުން މަތީ ތަޢުލީމާއިބެހޭ ވަޒީރާއި، ޤައުމީ ޔުނިވާސިޓީގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޚިޔާލު ހޯއްދަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މާރިއާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި، މަތީ ތައުލީމުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން މަތީ ތައުލީމު ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

''ކޮލެޖެއްގެ ގޮތުގައި ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން އެތަނެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. މިހެންވެ ގާނޫނާއި އެ މުއްދަތު ކަނޑައެޅުމާއެކު ދެވޭ މަތީ ތައުލީމާއި ތަމްރީންގެ ކޮލިޓީ ހިފެހެއްޓޭނެ މިންގަނޑުތައް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު މާރިއާ ވިދާޅުވިގޮތުގައި ކޮލެޖެއް ނުވަތަ އިންސްޓިއުޓެއް ވަކި މުއްދަތެއްގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވާއިރު އެތަނެއްގެ ފެންވަރު ކަށަވަރުކުރަން ޖެހޭނެއެވެ. އަދި އެކަން ބެލޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭނެއެވެ.

ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުވުމުގައި އިއުތިރާޒެއް ނެތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެތަނަކީ ފެންވަރު ރަނގަޅު ތައުލީމު ދޭ ތަނަކަށް ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.