މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، ސިޓީގައި ކުޅެން ފުރުސަތު ލިބޭ މިންވަރާއިމެދު ހިތްހަމަ ނުޖެހޭކަން ފަޅުކޮށްފިއެވެ.
މިހާރު އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާއިއެކު އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ފްރާންސްގައި ހުރި، އަލްވަރޭޒް މިހެން ބުނެފައިވަނީ ޑައިރެކްޓް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައެވެ.
އަލްވަރޭޒްއަކީ ސިޓީގެ އެޓޭކިންގައި ދެވަނަ ޗޮއިސްއެވެ. އެ ޓީމްގެ އެއްވަނަ ފޯވާޑަކީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑެވެ. ވުމާއިއެކު ސިޓީގެ މުހިންމު މެޗުތަކުން ފުރުސަތު ހޯދުން އަލްވަރޭޒްއަށް ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. 2022 ވަނަ އަހަރު ސިޓީއާއި ގުޅުނު އަލްވަރޭޒް އެ ޓީމްގައި ހޭދަކުރި ދެ ސީޒަންގައި ސިޓީ ވަނީ ޗެމްޕިއަންސްލީގާއި އެފްއޭ ކަޕް ފަދަ މުބާރާތްތަކުގެ ފައިނަލުގައި ކުޅެ މުބާރާތްތައް ވެސް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޭނާގެ ހިތްހަމަ ނުޖެހުމަކީ ހާއްސަކޮށް އެފަދަ މުހިންމު މެޗުތަކުން ފުރުސަތު ލިބޭ މިންވަރު ދައްވުމެވެ.
މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގައި އަލްވަރޭޒް ވަނީ 31 މެޗުގައި ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ލީގުގެ ދެ މެޗެއްގައި ފިޔަވައި އޭނާ ކުޅުނުއިރު، ލީގުގައި ސިޓީގައި އެންމެ ގިނަ މިނެޓް ކުޅުނީ އޭނާއެވެ.
އުމުރުން 24 އަހަރުގެ އަލްވަރޭޒް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ޝައުގުވެރިވެއެވެ. އެ ޓީމްތަކުގެ ތެރޭގައި އާސެނަލްއާއި ޗެލްސީ އަދި އެތުލެޓިކޯ މެޑްރިޑް ފަދަ ޓީމްތައް ހިމެނެއެވެ.
އަލްވަރޭޒް އިތުރަށް ބުނީ އޭނާގެ ކުރިމަގާއި މެދު ވިސްނައި ގޮތް ނިންމާނީ އޮލިމްޕިކް ނިމުމުން ކަމަށެވެ.
އަލްވަރޭޒް ވަނީ މިހާތަނަށް ސިޓީއަށް 103 މެޗު ކުޅެ، 36 ލަނޑުޖަހައި 18 ލަނޑު ޖަހަން އެހީތެރިވެ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!