ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަގޫދޫގައި އެއްފަހަރައްވުރެ ގިނައިން ބޭނުންކުރެވޭ، ނުވަތަ ރީޔޫސެބެލް، ނެޕީ ބޭނުންކުރުމަށް ބާރުއަޅާ 'ބުޑު ފޮތި' ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.

ރަށުގެ ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަމާޒުކޮށްގެން ފެށި ބުޑުފޮތި ޕްރޮގްރާމަކީ މަގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށު ކައުންސިލާއި، ސިއްޙީ މަރުކަޒުގެ އިސްނެގުމާއެކު، ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.

Ad
rt

ބުޑުފޮތި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ރަށުގައި އުފެދޭ ނެޕީ ކުނި މަދުކުރުމާއި، ރަށަށް އެތެރެ ކުރެވޭ ޑިސްޕޯޒަބަލް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ނެޕީ މަދުކޮށް އަދި މުޖުތަމަޢުގައި ރީޔުސަބަލް ނެޕީ ބޭނުންކުރުމުގެ ސަޤާފަތެއް އާލާކުރުމެވެ.

3 މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ރަށުގައި މިވަގުތު ތިބި ނެޕީ ޖަހާ ހުރިހާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ބައިވެރިވެއެވެ. އެއީ ޖުމްލަ 32 އާއިލާއެވެ. ބުޑު ފޮތި ޕުރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ހަރަކާތުގައި ކޮންމެ އާއިލާއަކަށްވެސް ރީޔުސަބަލް ނެޕީ ކިޓެއް ހަވާލުކޮށް އެކިޓް ބޭނުންކުރާނެ ގޮތުގެ މަޢުލާމޫތު ދެވުނެވެ. އަދި ދަރިންނަށް ރައްކާތެރި ސިއްޙަތާއި ވެއްޓެއް ކަށަވަރުކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރުއަޅާ އާދަތައް އިސްކުރުމައް އެއްބަސްވެ ޕްލެޖެއްގައި ޕްރޮގްރާމްގެ ބައިވެރިން ސޮއި ކުރިއެވެ. މީގެ އިތުރުން، މި ރީޔުސަބަލް ނެޕީ ޓްރައިލްއަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމައްޓަކައި ބައިވެރިވާ މެންބަރުން ހިމެނޭ ސަޕޯޓް ގްރޫޕެއް އިވެންޓްގައި އިފްތިތާޙް ކުރެވުނެވެ. މި ގްރޫޕްގެ ބޭނުމަކީ ބައިވެރިންގެ ރީޔުސަބަލް ނެޕީގެ ތަޖުރިބާ އެހެން ބައިވެރިންނާ ހިއްސާކޮށް، އެކަކު އަނަކަކުގެ ކިބައިން ދަސްކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ފުރުސަތު ފަހިކުރުމެވެ.

މި ޕްރޮގްރާމްގެ ތެރެއިން މަގޫދޫގެ ރީޓެއިލް ފިހާރަތަކައް ރީޔޫޒް ކުރެވޭ ނެޕީއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ރީޔޫޒް ކުރާ ނެޕީ ސަޕްލައި ކުރާފަރާތެއް ކަމުގައިވާ ޒީރޯ ވޭސްޓް މޯލްޑިވްސް އަށް ތަޢާރަފް ކުރެވޭނެއެވެ. މީގެ މަޤްޞަދަކީ މަގޫދޫގައި ރީޔުސަބަލް ނެޕީ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެގޮތް ފަހި ކުރުމެވެ.

ބުޑު ފޮތި ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުންމިވަގުތު ރަށުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ނެޕީ ބޭނުންކުރާ ގޮތާއި ގުޅޭ ސާވޭއެއް ކޮށް އެ ކަމާ ބެހޭ މަޢުލޫމާތު އެއްކުރެވުނެވެ.

  • މިގޮތުން މަގޫދޫގައި، ނެޕީ ޖަހާ ތުއްތު ކުއްޖެއް ބަލާ އާއިލާއަކުން، މަހެއްގެ މައްޗައް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ނެޕީ ގަތުމަށް 831 ރުފިޔާ ޚަރަދުކުރެއެވެ. މިފަދަ އާއިލާއަކަށް ތިން އަހަރުތެރޭގައި، އެންމެ ތުއްތު ކުއްޖެއްގެ ނެޕީއަށް، 30،000 ރުފިޔާ ހޭދަކުރެވޭނެއެވެ.
  • މަގޫދޫގައި ތުއްތު ކުއްޖެއްގެ ނެޕީ، އެވްރެޖުކޮށް ދުވާލަކު، ހަތަރު ފަހަރު ބަދަލުކުރެއެވެ. މިއީ ތިން އަހަރުގެ ތެރޭގައި ކުނީގެ ގޮތުގައި އުކާލެވޭ 4،320 ނެޕީއެވެ. މިއީ ގާތްގަޑަކަށް 10،800 އަކަފޫޓް ނުވަތަ 6 ވޮލީ ކޯޓުގެ ސަރަހައްދު ފޮރުވާލެވޭނެ ވަރުގެ ކުނި ނެޕީއެވެ. ކުދި ކުދި ރަށްތަކުގައި މިގޮތަށް އުފެދޭ ނެޕީ ކުނި ނައްތާލުމަކީ ރަށަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ބުޑު ފޮތި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މާޖިދާ ހަސަން ވިދާޅުވީ، "ނެޕީ ކުނި މެނޭޖްކުރުމަކީ އަޅުގަނޑުމެންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އަދި ނެޕީ ކުނި ޖަމާވެފައި ހުރުމަކީ ހެލްތު ހެޒާރޑެއް، ނުވަތަ އޭގެ ސަބަބުން ސިއްޙަތައް ނުރައްކަލެއް ކުރިމަތި ކުރުވަފާނެ ކަމެއް. އަޅުގަނޑުމެންގެ ދަރިންނަށް މިއަށްވުރެ ދެމެހެއްޓެނިވި މާހައުލެއް ގާއިމްކުރުމާއެކު، މި މައްސަލަ ހައްލުކުރުމަށް ބުޑު ފޮތި ކެމްޕޭނުން ހުށަހަޅަނީ އުއްމީދީ ހައްލެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ މި ޕްރޮގްރާމް މެދުވެރިކޮށް ބެލެނިވެރިންނަށް ދަރިންގެ ސިއްޙަތައް އެންމެ ރައްކާތެރި ގޮތްތަކާއި އަދި ތަކެއްޗާއި ބެހޭ މައުލޫމާތު ލިބި އެތަކެތި ފަސޭހައިން ލިބޭނޭ ގޮތް ފަހިވެގެންދާނެތީ."

"މި ޓްރައަލްއިން އަޅުގަނޑުމެންގެ ކުރިއަށް ހުރި މަސައްކަތްތައް ރޭވުމަށްބޭނުންކުރެވޭނަ ޑާޓާ ލިބުމުގެ އިތުރުން، ބުޑު ފޮތި ޕްރޮގްރާމުން އެއްފަހަރު ބޭނުންކޮށްފައި އުކާލާތަކެތީގެ ބަދަލުގައި ރީޔޫސް ކުރެވޭނެ ތަކެތި ފަސޭހައިން ލިބުމުގެ މުހިއްމުކަން ފާހަގަވެގެންދޭ. އަޅުގަނޑުމެންގެ އުންމީދަކީ މި މަސައްކަތުގެ ސަބަބުން ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް އެއްފަހަރު ބޭނުންކޮށް އުކާލާ، ތިމާވެއްޓަށް ގެއްލުންދެނިވި ތަކެތި މަދުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރެވިގެންދިޔުން."

ސޮނެވާ ނަމޫނާގެ ރެޑިއުސް މެނޭޖަރު ޚަދީޖާ ޙާމިދު ވިދާޅުވި އެވެ.

"ބުޑު ފޮތި ޕްރޮގްރާމްގައި ބައިވެރިވުމުން އަޅުގަނޑުމެންނަށް ލިބުނު ޔަގީންކަމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު މަދުކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައިގެންވެސް އަޅުގަނޑުމެންގެ ތުއްތު ކުދިން އެންމެ ރައްކާތެރި ކަމާއެކު ބަލާ ބޮޑު ކުރެވޭނެކަން. މި މަސައްކަތއިގެން ކުރިއަށް ދިއުމަކީ އަޅުގަނޑުމެންނައް ލިބޭ ވަރަށް ބޮޑު އުފަލެއް."،

ބުޑު ފޮތި ޕުރޮގްރާމްގައި ބައިވެރިވާ ބެލެނިވެރިއެއްކަމުގައިވާ ފާތުމަތު ނަމްހާ ވިދާޅުވިއެވެ.