ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް މިއަދު ކޯޓުން ދީފި އެވެ.
ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް 95 ދައުވާއެއް އެ މައްސަލާގައި ކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފެށީ އެއްކޮށެވެ. އެ ދެ މީހުން ވެސް އެދުނީ ވަކީލުން ހަމަޖައްސަން ފުރުސަތެއް ދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި އެ ދެ މީހުން ވެސް އެދުނީ ވަކީލަކު އައްޔަން ކުރަން ފުރުސަތެއް ދިނުމަށެވެ.
ގާޒީ އަލީ ނަދީމް ވިދާޅުވީ އެންމެ ގިނަވެގެން އެކަމަށް ދެވޭނީ 10 ދުވަސް ކަމަށާއި އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނެތް ނަމަވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެެ.
ގާޒީ ނަދީމް ވިދާޅުވީ އަމިއްލައަށް ވަކީލަކު ހަމަޖެއްސޭ ފަދަ މާލީ ތަނަވަސްކަން ނެތް ނަމަ ދައުލަތުގެ ހަރަދުގައި ވެސް މި ބާވަތުގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސައި ދެވޭނެ ކަމަށެވެ.
މަންޑޭގެ މައްޗަށް ކުރަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ އެވެ.
ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ. ނަމަވެސް މަންޑޭ މިހާރު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!