ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ، އީޔޫއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު އެކަމަނާއާއި ރައީސް މުޢިއްޒު ކުރިއަށް ގެންދެވި މަޝްވަރާތަކުގައެވެ.

Ad
rt

މިގޮތުން އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ''ސަމޯއާ އެއްބަސްވުމު''ގައި ރާއްޖެއިން ސޮއިކޮށްފައިވުމާއެކު، އެކަމާއި ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ އީ.ޔޫ އިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

އީޔޫ ސަފީރާއި ރައީސް މުޢިއްޒު މަޝްވަރާކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާ އީ.ޔޫ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1983 ވަނަ އަހަރުއެވެ. އީ.ޔޫ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އީ.ޔޫ ސަފީރު ހުންނަވާނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ގައެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވަން މަގުފަހިވާނެ ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ 30 ޖޫން 2024 ގައެވެ.

މި އެއްބަސްވުމުގައި ބައިވެރިވާން އެންމެ ފުރަތަމަ ނިންމީ ކެބިނެޓު ބައްދަލުވުމުގައެވެ. އޭގެ ފަހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ މެދުގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފައެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި "ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފަވެއެވެ.