ހދ. އަތޮޅުގެ 7 ރަށެއްގައި ސްކޭމް ކޯލުތަކުން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މިޖުލައި މަހުގެ 22 އިން 27 އަށެވެ.

Ad
rt

މި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ ޓްރެފިކް މޮނިޓަރުންނާއި ބެލެނިވެރިންނަށާއި، ވައިކަރަދޫ، ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ނޭކުރެންދޫ އަދި މަކުނުދޫ ސްކޫލުގެ ބެލެނިވެރިންނަށެވެ. މި ސެޝަންތަކުގައި ޖުމްލަ 670 މީހުންނަށް މަޢުލޫމާތު ދެވިފައިވެއެވެ.

މީގެ އިތުރުން، ސްކޭމްގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް މަޢުލޫމާތު ދެވިފައިވެއެވެ.

މި ސެޝަންތަކުގައި ސްކޭމަކީ ކޮބައިކަމާއި، ސްކޭމްގެ އެކި ބާވަތްތަކާއި، އޭގެ ނުރައްކާތެރިކަން އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވިފައިވެއެވެ. އަދި ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކުގެ މަޢުލޫމާތުވެސް ދެވިފައިވެއެވެ.

މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވާފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދެވެ.

މި ސެޝަންތަކުގެ މަޤްޞަދަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކުން ރައްޔިތުން ރައްކާތެރިކުރުވުމެވެ.