ދިވެހިރާއްޖޭގެ އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްފަށައިއެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި ބޭނުންކުރުމަށާއި ރާއްޖެއިންބޭރަށް އެކްސްޕޯޓް ކުރުމަށް ތަފާތު ބާވަތްތައް އުފައްދާފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާ ކަމަށެވެ.

Ad
rt

އެ ވުޒާރާއިން ބުނީ ދިވެހި އިގްތިސާދު ސިންދަފާތުކޮށް އުފެއްދުންތެރިކަށް އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށެވެ. މިގޮތުން މި މިދަފްތަރު އެކުލަވައިލުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ވިއްކައިގެންނާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވަން މަގުފަކޮށްދިނުންކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ، މި ދަފްތަރާއެކު ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާއި އެކު މިނިވަންވިޔަފާރީގެ އެއްބަސްވުން ނުވަތަ އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގައުމުތަކަށް އެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ފުރުސަތުތައް ބަލައި އެފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިވެގެން ދާނެކަމަށެވެ.

މީގެ އިތުރުން މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް އެ ގޮންޖެހުންތަކަށް ހައްލުހޯދައިދީ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރެވިގެންދާނެކަމަށް ވެސް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނެފަވެއެވެ.

މިއީ ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.