މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 143 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގަނެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރުކޮށީގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގި އޮޕަރޭޝަންތަކުގައި 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެއީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯއަށް ވުރެ ގިނަ އަދަދެއްކަން ނާހިދު ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގާއެކު މިއހަރު މިހާތަނަށް ފުލުހުންނަށް އަތުލެވުނު މަސްތުވާތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ.
މިހެންކަމާއެކު މި މަސްތުވާތަކެއްޗަކީ އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ އެއް މައްސަލަކަން ފާހަގަކުރެވޭކަމަށް ނާހިދު ވަނީ ވިދާޅުވެފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ޓްރެޕިކް އިންވެސްޓިގޭޓް ހެޑް، އަހުމަދު ވަހީދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2.12 ކިލޯގެ ހިރޮއިން އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ އަގު 2 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެކަމަށެވެ.
އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އުމުރުން 25 އަހަަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޕާކިސްތާނު މީހާއާއި ދިވެހި 2 ފިރިހެނުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށް ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ޓްރެޕިކް އިންވެސްޓިގޭޓް ހެޑް، އަހުމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!