ހދ. މަކުނުދޫ، 15 ޑިސެމްބަރ 2023 - ސޮނޭވާ ސީކްރެޓް ރިސޯޓުން ހދ. މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒާއި 26 ގޮނޑި ހަދިޔާކޮށްފިއެވެ.

މި ހަދިޔާ ބަލައިގަތުމަށްފަހު، މަކުނުދޫ ކައުންސިލްގެ އިދާރާއިން ވަނީ ސޮނޭވާ ސީކްރެޓް ރިސޯޓަށް ޝުކުރު ދަންނަވާފައެވެ.

Ad
rt

ކައުންސިލުން ޝުކުރު ދެންނެވުމުގައި، ސޮނޭވާ ސީކްރެޓް ރިސޯޓުން މަކުނުދޫގެ ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވާ މަސައްކަތަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ޚާއްޞަކޮށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯ އަދި އެންތޮނީއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ.

ސޮނޭވާ ސީކްރެޓް ރިސޯޓަކީ މިއަހަރުގެ އޭޕްރީލް މަހު ހުޅުވުނު ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓުގައި 14 ބީޗް އަދި ވޯޓަރ ވިލާ ހަދާފައިވެއެވެ. ސޮނޭވާގެ އެހެން ރިސޯޓުތަކެކޭ އެއްފަދައިން، މި ރިސޯޓުގައިވެސް ދެމެހެއްޓެނިވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއެވެ.

ސޮނޭވާ ސީކްރެޓް ތަރައްޤީކޮށްފައިވަނީ މަކުނުދޫގެ ބޮޑު ފަޅު ތެރޭގައި އޮތް ދިއްޕަރަފުށީގައެވެ. މި ރަށަކީ ކުރީގައި މަކުނުދޫ ރައްޔިތުން ޕިކްނިކް ދިއުމަށް ބޭނުންކުރި ރަށެކެވެ. ސޮނޭވާއިން މި ރަށުގައި ތަރައްޤީކޮށްފައިވާ ރިސޯޓަކީ އެންމެ ބޮޑަށް ޕްރައިވެސީ ލިބޭ އެންމެ އެކަހެރި ރިސޯޓުގެ ގޮތުގައި ފާހަގަކުރެވެއެވެ.

ސޮނޭވާ ސީކްރެޓް ރިސޯޓު ހުޅުވުމާ ގުޅިގެން މަކުނުދޫ ކައުންސިލާއި ސޮނޭވާ ސީކްރެޓް ރިސޯޓުގެ ޖެނެރަލް މެނޭޖަރ އަދި އިސް އޮފިޝަލުންނާ ދެމެދު މުހިންމު ބައްދަލުވުމެއް އޭޕްރީލް މަހުގެ ތެރޭގައިވަނީ ވާއްވާފަ އެވެ. އެބައްދަލުވުމުގައި ދެފަރާތުން ވަނީ ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާއި، އެކަމުން ލިބިގެންދާނެ ފައިދާތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އެގޮތުން ހދ. މަކުނުދޫ ރައްޔިތުންނާއި ސޮނޭވާ ސީކްރެޓް ރިސޯޓާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތްތަކާއި މަކުނުދޫގެ ތަރައްޤީއަށް އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ހަދިޔާއަކީ ރިސޯޓާއި ރަށުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރަށުގެ ތަރައްޤީއަށް އެހީތެރިވުމުގެ ގޮތުން ކުރެވުނު ކަމެއްގެ ގޮތުގައި ބެލެވެއެވެ.