މާލެ ރަށްވެގިންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފިއެވެ.

މާލެ ރަށްވެގިންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްދީފައިވަނީ މިހިނގާ ޖެނުއަރީ 6 ވީ ހޯމަ ދުވަހުއެވެ.

Ad
rt

މާލެ ރަށްވެގިންގެ ޖަމްޢިއްޔާ އުފެއްދުމާއި ގުޅިގެން އެކަމުގައި އިސްކޮށް އުޅުއްވި ފަރާތެއްކަމަށް ބެލެވޭ ފަރާތެއް އޭނާގެ ފޭސްޕުކް ޕޭޖްގައި ބަޔާންކޮށްފައިވަނީ އެތައް ބުރަ މަސައްކަތަކަށްފަހު މާލޭގެ އަސްލު ރަށްވެހިންގެ ހައްޤުތައް ހޯދައިދީ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އިއްވުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބު ވެއްޖެކަމަށެވެ. އަދި އެކަމުގައި އެއްވެސް ސިޔާސީ ވިސްނުމެއް ނެތްކަމަށާއި އެހެންނަމަވެސް މާލޭގެ ރައްވެހިންނާމެދު އެންމެ ރަނގަޅު ވިސްނުމެއްހުރި ފަރާތަކާއެކު ކުރިއަށްދާން ތިބި ކަމަށެވެ.

މާލެ ރަށްވެގިންގެ ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވަނީ 29 ޑިސެމްބަރު 2019 ގައެވެ. އެ ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމަށްފަހު އެދުވަހުވެސް އެފަރާތުން ބުނެފައިވަނީ، އެޔަކީ މާލޭގެ ރައްވެހިންގެ ގެއްލިފައިވާ ހައްޤުތައް ހޯދުމުގެ މަސައްކަތް ފެށިގެން ދިއުންކަމަށެވެ.

މާލެ ރަށްވެގިންގެ ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެކަމުގައި އިސްކޮށް އުޅުނު ފަރާތް ޓެގްކޮށް އެހެން މީހަކު ފޭސްބުކްގައި އޭނާގެ ޝުއޫރު ފާޅުކުރަމުން ބުނެފައިވަނީ ހައްޤަކީ ވަކި ބަޔަކަށް އޮންނަ އެއްޗެއް ނޫންކަމަށެވެ. ބަޔެއްގެ ހައްޤު ފޭރިގެންފައި އެހެން ބަޔެއްގެ ހައްޤުދީގެން ބަޔަކު އެބަ އަވަދި ވާކަމަށެވެ.

އެޔަށްފަހު އޭނާ ބުނެފައިވަނީ މާލޭގައި ނިކަމެތިކޮށް އުޅެން ޖެހިފައިވާ މާލޭގެ އުފަން މީހުން ހައްޤުތައް ހޯދުމަށް ތެދުވުމަށް ގޮވާލާކަމަށެވެ.

އެޔަށްފަހު ބޮޑު ޖޯކެއް ކަމަށް ބުނެ ބުނެފައިވަނީ، " މާލެއަކީ ރާއްޖޭގެ އެންމެންގެ ތަނެކޯ؟ އެކަމަކު އެހެން އަތޮޅެއްގެ ރަށްތަކަކީ އެރަށަކަށް އުފަން ރަށުމީހުންގެ ބިމެކޯ؟" މިހެންނެވެ.

މާލެ ރަށްވެގިންގެ ޖަމްޢިއްޔާއެއް ރަޖިސްޓަރީ ކުރިއިރު މީގެ ކުރިންވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ނަމުގައި ޖަމްޢިއްޔާއެއް ހަދާފައެވެ.

ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.