ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ ދިރާސާ، ''ހެޕިނެސް އިންޑެކްސް''، (އުފާވެރިކަމުގެ މިންގަނޑު) އެކުލަވާލުމުގެ މަސައްކަތް ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން، ''ހެޕިނެސް އިންޑެކްސް'' ދިރާސާ އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއި އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނީ އައިޔޫއެމްއިން އިއްޔެ އެ ދިރާސާގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ދިރާސާގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ އާއި އައިޔޫއެމްގެ ވެރިން ވަނީ ބައިވެރިވެފައެވެ.
ހެޕިނެސް އިންޑެކްސްގައި ބަލައިލާ ދާއިރާތަކު ތެރޭގައި، ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަމާއި، ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަމާއި، ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރާއި، ކަންކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ޘަޤާފީ ކަންކަން ކުރުމަށް ފުރުޞަތުލިބުމާއި، މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަމާއި، އިޖުތިމާޢީ އެހީތެރިކަމާއި، ތިމާވެށްޓާ ގުޅުން އޮންނަ މިންވަރާއި، ސަރުކާރާ މެދު ދެކޭ ގޮތާއި، ދިރިއުޅުމުގެ ފެންވަރާއި އަދި ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު ހިމެނެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނީ އައިޔޫއެމްއިން މި ދިރާސާ ކުރިޔަށް އޮތް 6 މަހެއްހައި ދުވަސްތެރޭ ނިންމާލާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ހެޕިނެސް އިންޑެކްސްއަކިީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެންނެވެ.
ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!