ހއ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނަރަލެއް ނެގުން މަޑުޖައްސައިދެއްވުން އެދި ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށައެޅުމަށް އެކައުންސިލުން ފާސްކޮށްފިއެވެ.

ކައުންސިލުން މިގޮތަށް ފާސްކޮށްފައި މިވަނީ އެ ކައުންސިލަށް ސެކްރެޓަރީ ޖެނަރަލްއެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށް އެ މަޤާމަށް ކެންޑިޑޭޓުން ކުރިމަތިލާފައި ވަނިކޮށެވެ.

Ad
rt

ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް މިނޫހަށް މަޢުލޫމާދު ދެމުން ވިދާޅުވީ، އެކައުންސިލުން ފާސްކޮށްފައިވަނީ އެ ކައުންސިލް ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި، މި ވަގުތު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލަކު ނަގައިފި ނަމަ، އެ ގެންނަމުންދާ ބަދަލުތަކާއި، ކުރަމުން ގެންދާ މަސައްކަތްތަކަށް ބުރޫ އަރާނެކަމަށް ފެންނާތީ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލަކު ނެގުން މަޑުޖައްސާލުމަށް އެދިފައިވާނީ މި މަރުހަލާ ނިމެންދެންކަމުގައި މޫސާ ޝަފީޤް ވިދާޅުވި އެވެ.

"މިވަގުތު ހުރީ ވަގުތީ އެސްޖީއެއް، ވަގުތީ އެސްޖީއަކީ ވެސް ކައުންސިލްގެ ރުހުން ދީގެން ކަނޑައަޅާ ފަރާތެއް. ވަގުތީ އެސްޖީ އަދާކުރާނީ އެސްޖީގެ ހުރިހާ ޒިންމާއެއް."

މޫސާ ޝަފީޤް ވިދާޅުވި އެވެ.

އެކައުންސިލުން މިގޮތައް ނިންމާ ފާސްކޮށްފައިވަނީ 2024 ޖުލައި 23 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 129 ވަނަ އާންމު ޖަލްސާގައެވެ.

ހއ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނަރަލްއެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ 2024 ޖުލައި 4 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2024 ޖުލައި 14 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނެގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލގެ ލަފަޔާއި އެކު ކައުންސިލްގެ ސެކެޓެރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްުޔަން ކުރާނީ ސިވިސް ސަރވިސް ކޮމިޝަނުން ކަމުގައެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ވާގޮތުން ކައުންސިލްތަކުގެ މާލީ ޒިންމާދާރުވެރިޔާ އަކީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއެވެ.