ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ ޓީމުން ވިދާލި ޒުވާން ޑިފެންޑަރ ރިކާޑޯ ކަލަފިއޯރީގެ ސޮއި އާސެނަލުން ޔަގީންކޮށްފިއެވެ.
އިޓާލިއަން ލީގުގެ ބޮލޯނާއަށް ކުޅުނު، އުމުރުން 22 އަހަރުގެ ކަލަފިއޯރީ އާސެނަލާއި ގުޅެން ނިންމާފައިވާއިރު، އޭނާގެ މެޑިކަލް ކަންކަން ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގައެވެ. ސަބަބަކީ މިވަގުތު އާސެނަލް ޓީމް ޕްރީ ސީޒަން ޓުއާގައި އެމެރިކާގައި ތިބުމެވެ. މެޑިކަލް ފުރިހަމަ ކުރުމަށް ފަހު އޭނާ ޓީމާއި ގުޅޭނީ އެމެރިކާއިންނެވެ.
ރޯމާ އެކަޑަމީން ތަމްރީން ހެދި ކަލަފިއޯރީ 2022 ވަނަ އަހަރު ކުޅެފައިވަނީ ސްވިސްގެ ބަސެލްއަށެވެ. އެއަށްފަހު އޭނާ ބޮލޯނާއަށް ބަދަލުވީ މިދިޔަ ސީޒަންގައެވެ. ނިމިދިޔަ ސީޒަންގައި ބޮލޯނާގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ލީގުގައި އޭނާ ކުޅުނު 30 މެޗުގައި ދެ ލަނޑުޖަހައި ފަސް އެސިސްޓް ހެދިއެވެ. ބޮލޯނާ ތާވަލުގެ ފަސްވަނާގައި ލީގު ނިންމައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގައި ކަލަފިއޯރީގެ ދައުރު ބޮޑެވެ.
ޔޫރޯގައި އިޓަލީން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ފުރަތަމަ އެގާރައިން ޖާގަ ހޯދި ކަލަފިއޯރީއަށް ކުއާޓާ ފައިނަލުގައި، އިޓަލީއާއި ސްވިޒަލެންޑް ވާދަކުރި މެޗުގައި ކުޅެވޭގޮތް ނުވީ ދެ ރީނދޫކާޑު ހަމަވުމުންނެވެ. ސްވިސް އަތުން ބަލިވެ އިޓަލީ ވަނީ އެ މުބާރާތުން ކަޓާފައެވެ.
ކަލަފިއޯރީ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ބައެއް ކުލަބުތަކުން ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑާއި ޔުވެންޓަސް ހިމެނެއެވެ.
އާސެނަލުން މިހާރު އެމެރިކާއަށް ކުރަމުންދާ ދަތުރުގައި މިއަދު ވަނީ ބޯންމައުތާއިއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ޕެނަލްޓީ ޖަހައިގެން 5-4 އިން މެޗު ކާމިޔާބުކުރީ އާސެނަލުންނެވެ.
މި ދަތުރުގައި އާސެނަލް އަދި ދެ މެޗު ކުޅޭނެއެވެ. އަންނަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާއިއެކު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އަދި މި މަހުގެ ފަހު ދުވަހު އާސެނަލް ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!