ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެސްފައިވާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީއާއި ޖޫރިމަނާ ނުދައްކާ އެއްލައްކަ އަށްވުރެ އިތުރުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއިބެހޭ ވުޒާރާއިން މިއަދު މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކޮށްފައިވާއިރު، މި ފައިސާ ދައްކަން ވަނީ މުހުލަތެއް ދީފައެވެ.

Ad
rt

މިގޮތުން މި ލިސްޓްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން މުހުލަތު ދީފައިވާއިރު، އެންމެ ބޮޑު ޖޫރިމަނާ ދައްކަންޖެހޭ ވަޒީފާދޭ ފަރާތުން 26 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަންޖެހެއެވެ.

މި ލިސްޓްގައި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ފަރާތެއްގެ ނަމާއި، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ވަނީ ހިމަނާފައެވެ.

މީގެ ތެރޭގައި އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.

މި ރިޕޯޓަކީ މިމަހުގެ 23ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމުން ނަގާފައިވާ ރިޕޯޓެއްކަމަށް ދާޚިލީ ވުޒާރާއިން ބުނެފައިވާއިރު، މި ދުވަހާ ހަމައަށް ކެންސަލްކޮށްފައި ނުވާ ވަރކް ޕަރމިޓްތަކުގެ ވަރކް ޕަރމިޓް ފީ ބަލާފައިވަނީ މި ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ފީގެގޮތުގައި ކަމަށާއި، ވަޒީފާދޭ ފަރާތުން ކެންސަލްކުރަން ބޭނުންވާ އެއްވެސް ވަރކް ޕަރމިޓެއް ކެންސަލްކޮށްފައިނުވާނަމަ އެ ވަރކް ޕަރމިޓްތައް ކެންސަލްކުރުމަށްވެސް ވަނީ އެ ވުޒާރާއިން އަންގާފައެވެ.

މި ޢިއުލާންގައިވާ މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެކަަމަށް ދާޚިލީވުޒާރާއިން ވަނީ ބުނެފައެވެ.