ހއ. ވަށަފަރު ފެނާއި ނަރުދަމާގެ 84 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ފެން ރައްކާކުރާ ޓޭންކް އިންސްޓޯލް ކުރުމާއި ސީ އައުޓްފޯލް މަސައްކަތެވެ.
ވަށަފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއު ހަވާލުކޮށްފައިވަނީ 92.78 މިލިއަން ރުފިޔާއަށެވެ.
މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 5.7 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމް ކުރުމާއި، އާރު އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރު އޯ ޕްލާންޓް ބެހެއްޓުން އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާނގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.
މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 1.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކުރުމާއި، 7.2 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 4 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!